factograf
DV

ތައުޙީދު

ތައުޙީދު

ތައުޙީދަކީ އިސްލާމް ދީނުގައި ﷲ ގެ އެއްކައުވަންތަކަމުގެ ޢަޤީދާއެވެ.

ތަޢުރީފު

އެއީ އެންމެހައި ފުރިހަމަ ސިފަފުޅުތަކެއް ޚާއްސަވެގެން ވަނީ އަޅަމެން ހައްދަވައި ގެންގުޅުއްވާ ރައްބަށްކަން އަޅާ ދަނެ، އެ ކަން ހިތުގެ އަޑިން ޤަބޫލުކޮށް، އެ ކަމަށް އިޢުތިރާފުވެ، އެކަމަށް އީމާންވެ، އެ ކަމުގައި އެކަލާނގެ އެއްކައުވަންތަކުރުމާއި، އަދި އެއާއެކު، އެކަލާނގެ ފުރިހަމަކަމުގައި އެކަލާނގެއާ އެއްވެސް ޝަރީކަކު، ބައިވެރިއަކު، އަދި އަޅައި­ކިޔޭ މިސާލުޖެހޭ ފަރާތެއް ވެސް ނުވާ ކަމާއި، އެކަލާނގެ ހެއްދެވި އެންމެހައި ޚަލްޤުތަކުންގެ މައްޗަށް އުލޫހިއްޔަތާއި، ޢުބޫދިއްޔަތު ލިބިގެންވަނީ (އެބަހީ: އަޅުކަމާއި އަޅުވެތިކަން ޙައްޤުވެގެން ވަނީ) ހަމައެކަނި އެކަލާނގެއަށް ކަން އިޢުތިޤާދުކޮށް ދެން އެއަށްފަހުގައި އަޅުކަމުގެ އެންމެހައި ބާވަތްތަކުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ.

ތައުޙީދު ބެހޭ ބައިތައް

ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ނައްޞުތަކަށް ބެއްލެވުމަށްފަހު ޢިލްމުވެރިން ތައުޙީދު ތިން ބަޔަކަށް ބައްސަވައެވެ.

ތައުޙީދުއްރުބޫބިއްޔާ

އެއީ ޚަލްޤުކުރެއްވުމާއި، ރިޒުޤުދެއްވުމާއި، ތަދުބީރު ކުރެއްވުމާއި ތަރުބިއްޔަތާއި، މި އެންމެހައި ކަންކަން ލިބިވޮޑިގެންވަނީ ހަމައެކަނި އަޅަމެންގެ ރައްބަށް ކަމާއި، މި ކަންކަމުގައި އެކަލާނގެ އެއްކައުވަންތަވެވޮޑިގެންވާކަން، އިޢުތިޤާދުކުރުމެވެ.

ތައުޙީދުލް އަސްމާއި ވައްޞިފާތި

އެއީ ﷲ ތަޢާލާ އެކަލާނގެ ނަފްސުފުޅަށް ސާބިތުކުރައްވާފައިވާ، އަދި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺ އެކަލާނގެއަށް ސާބިތު ކުރައްވާފައިވާ އެންމެހައި ރިވެތި އިސްމުފުޅުތަކާއި އެ އިސްމުފުޅުތަކުން ދަލީލުކޮށްދޭ ސިފަފުޅުތައް، ތަޝްބީހުކުރުމެއް، ތަމްޘީލުކުރުމަކާ ނުލައި، އަދި ތަޙްރީފުކުރުމެއް ތަޢްޠީލުކުރުމަކާ ނުލައި އެކަލާނގެއަށް އެ އިސްމުފުޅުތަކާއި ސިފަފުޅުތައް ސާބިތުކުރުމެވެ.

ތައުޙީދުލް ޢިބާދާ (ތައުޙީދުލް އުލޫހިއްޔާ)

އެއީ އަޅުކަމުގެ ހުރިހައި ވައްތަރަކާއި ބާވަތެއް ހަމައެކަނި ﷲ އަށް އަދާކުރުމެވެ. އަދި އަޅުކަމުގައި ﷲ އެއްކައުވަންތަ­­ކުރުމާއެކު، އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ޝަރީކުކުރުމަކާ ނުލައި، އެ އަޅުކަމުން ބައެއް އެޅުމަކާ ނުލައި އެކަން ކުރުމެވެ.

ފަހެ ތައުޙީދުގެ މި ތިން ބަޔަކީ، އަޅާ މި ހުރިހައި ބައެއްގައި ހިފަހައްޓައި މި ޢަޤީދާ­ގައި ކުރިއަށް ގޮސްގެން މެނުވިީ، އެ އަޅާއީ ﷲ އެއްކައުވަންތަކުރާ މުވައްޙިދަކަށް ނުވާނޭ ތިން ބައެވެ.

Read next

In 78 languages

Text from Wikipedia, CC BY-SA 4.0 · Source article